މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 25 ވަނަ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 3/2006(ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 2013 ވަނަ އަހަރު ދިވެހި ސަރުކާރަށް ލޯނުނެންގެވުމަށާއި ގެރެންޓީ ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 29 ނޮވެމްބަރ 2012 ގައި ފޮނުއްވާފައިވާ ސިޓީއާއި މެދު މާލިއްޔަތު ކޮމެޓީން އެކޮމިޓީގެ މިއަހަރުގެ 22 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވަނިކޮށް، އެސިޓީގައި އިޝާރާތް ކުރައްވާފައިވާ “ފަސްރަށެއްގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ގާތްގަޑަކަށް 15 މިލިއަން ޔޫ.އެސް ޑޮލަރަށްޖެހޭ އިސްލާމިކް ދީނާރު ލޯނު”ގެ މަޝްރޫޢާ ބެހޭ ތަފްސީލްގައި ހދ. ހަނިމާދޫ ހިމެނިފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ 23 އެޕްރީލް 2013 ގައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެ މަޝްރޫޢުގައި ހިމެނޭ ހދ. ހަނިމާދޫގެ ބަދަލުގައި ހދ. ނޮޅިވަރަންފަރު ހިމަނުއްވާފައިވާ މައްސަލައާއި މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ ބަދަލު ގެންނެވި ސަބަބާއި، ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ ތަފްޞީލް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހޯއްދެވުމަށްފަހު، ގޮތެއް ނިންމެވުމަށް މަޖލީހަށް ހުށަހެޅުއްވުމަށް މަޝްވަރާކުރެއްވިއެވެ.
އަދި މީގެ އިތުރުން، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް 1 ސެޕްޓެމްބަރ 2009 ގައި ދައުލަތުންދީފައިވާ ނަންބަރު 13-M/GT/2009/5 ގެ ގެރެންޓީގެ މުއްދަތު 30 މާޗް 2014 ގެ ނިޔަލަށް އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ، 24 އޭޕްރީލް 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ މި މައްސަލައާއި މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ގެރެންޓީގެ މުއްދަތު އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް ބޭނުންފުޅުވާ ސަބަބާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މާދަމާގެ ބައްދަލުވުމުގައި އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއަށް މިހާރު ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށް އެކުންފުނީގެ ކަމާބެހޭ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ. މިމައްސަލައިގައި ސްޓެލްކޯއިން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެސިޓީގެ ކޮޕީ މިޚަބަރާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.