އާންމު ކޮމިޓީގެ 14 ވަނަ ބައްދަލުވުން ބާއްވައިފި

DSC_0463 އާންމު ކޮމިޓީގެ މިއަހަރުގެ 14 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ ޖަލްސާތަކުގެ ވީޑިއޯ ކޮލިޓީ ދަށްވުމާއި ގުޅިގެން، މަޝްވަރާކުރެއްވިއެވެ. އަދި މިމައްސަލައާބެހޭ ގޮތުން ނިންމަވާފައިވަނީ މާދަމާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކޮމިޓީއަށް ވަޑައިގެންނެވުމުން އެކަމާގުޅުންހުރި ޚަރަދާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށެވެ.

 މިއަދުގެ ބައްދަލުވުމުގައި، މިއަހަރު މަޖިލީހަށް ދޫކުރައްވާފައިވާ ބަޖެޓާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ޓްރެޜަރީ އާއިވަނީ ބައްދަލުކުރުމަށް ހަމަޖެހިފައެވެ. ނަމަވެސް، އެމަނިކުފާނަށް ކޮމިޓީއަށް ވަޑައިގެންނެވުމަށް ދެންނެވިފައިވާ ވަގުތުގައި މުހިންމު ބައްދަލުވުންތަކެއް ކުރިން ހަމަޖެހިފައިވާކަމަށް ވިދާޅުވެ އެކަން އަންގަވާފައިވުމުން މިބައްދަލުވުން މާދަމާ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ އާރިފްއެވެ.