ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް، ހިޒްއެކްސެލެންސީ ސަލްމާން ޚޫރުޝީދް އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ފޮރިން މިނިސްޓްރީގައެވެ.

މިބައްދަލުކުރެއްވުމުގައި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ވަފްދަކާއި އެކު އިންޑިއާ އަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށާއި މަޖިލީހުގެ ވަފްދަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއަކީ ވަރަށް ބަދަހި ގުޅުމެއް ޒަމާނުއްސުރެ އޮންނަ ދެޤައުމު ކަމަށާއި މިޒިޔާރަތުން ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަހިވެގެން ދާނޭ ކަމުގައި ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނަށާއި ރައްޔިތުންގެ މަޖިލީހުގެ ވަފްދަށް އިންޑިއާއިން ދެއްވަމުންގެންދަވާ ފުރިހަމަ މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖެއަށް ބޭނުންވެފައިވާ ބައެއްކަންކަމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިންޑިއާއަށް ޒިޔާރަތްކުރާ ދިވެހިންނަށް މިވަގުތު ދިމާވެފައި ވިސާ ގެ މައްސަލަ އާއި ހިލައާއި ހިލަވެލި ލިބުމުގައި ދިމާވެފައިވާ ދަތިތައް ފާހަގަ ކުރައްވައި އެކަންކަމަށް އަވަސް ޙައްލެއް ބޭނުންވެފައިވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.  މީގެ އިތުރުން މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބާ ބެހޭ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެކަންކަން ޙައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވިސާގެ މައްސަލާގައި ދެޤައުމުގެ މެދުގައި ކުޑަ ކޮމިޓީ އެއް މިހާރު އެކުލަވާލާފައިވާކަމަށާއި އެކޮމިޓީން އެކަމުގައި އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން މޮނިޓަރ ކޮށް ބެލުމުގައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހުޅުވިފައިވާކަމަށާއި ރާއްޖޭގެ ދަރިވަރުންނަށް އަބަދުވެސް އިންޑިއާއިން ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވިދާޅުވިއެވެ.

26 ޖުމާދަލްއާޚިރު 1434

06 މެއި 2013