އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހަރ އެކްސެލެންސީ މެއިރާ ކުމާރުގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަރުފުޅުގައި އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިއާ ސަރުކާރުގެ ރަސްމީ ފަރާތްތަކާވެސް ބައްދަލުކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް މީހުން ތަމްރީން ކުރުމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭ މަޝްވަރާތައް ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އަދި މޯލްޑިވްސް – އިންޑިއާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ރައީސް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.

24 ޖުމާދަލްއާޚިރު 1434

04 މެއި 2013