3 ބިލެއް ފާސްކުރައްވައި މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވައިފި

3 ބިލެއް ފާސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފާސްކުރެވުނު 3 ބިލަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލާއި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލެވެ. މި 3 ބިލުވެސް މަޖިލީހުން ފާސްކުރެއްވީ ކޮމިޓީން ހުށަހަޅުއްވާފައިވާ ގޮތަށެވެ.

 ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ 61 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 4 މެންބަރުންނެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 3 އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ. އެހެންނަމަވެސް އެއްވެސް އިޞްލާޙެއް ފާސްކުރައްވާފައެއްނުއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ 63 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 2 މެންބަރަކު ވަކިއަތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ 61 މެންބަރުން އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިއަތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި ބިލަށްވެސް މިއަދުގެ ޖަލްސާގައި އިޞްލާޙެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް މި އިޞްލާޙުވެސް ފާސްކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވަވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމަވާލެއްވިއިރު، ޖުމްލަ 7 ބިލެއް މިދައުރުގައި މަޖިލީހުން ފާސްކުރެއްވިކަން ރިޔާސަތުން ވަނީ ފާހަގަކުރައްވާފައެވެ.

19 ޖުމާދަލްއާޚިރު 1434

29 އޭޕްރީލް 2013