ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ބަލައިގެންފި

23.04 Riyazސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުވެސް މިއަދުގެ ޖަލްސާގައި ބަލައިގެންފައިވެއެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 26 މެންބަރުން ވޯޓް ދެއްވާފައިވާއިރު 25 މެންބަރުން ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ. ނަމަވެސް މިބިލު ބަލައިގަންނަން ފާސްކުރައްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 އޭޕްރީލް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

13 ޖުމާދަލްއާޚިރު 1434

23 އޭޕްރީލް 2013