ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވަނީ 52 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. މިގޮތަށް ފާސްކުރެއްވުމާގުޅިގެން ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު ވަނީ އޭޕްރީލް 2014 ގެ ނިޔަލަށް އިތުރުކުރެވިފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި “ކޮންވެންޝަން ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން 1988” އަދި، “ޕްރޮޓޮކޯލް ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް ފިކްސްޑް ޕްލެޓްފޯމްސް ލޮކޭޓަޑް އޮން ދަ ކޮންޓިނެންޓަލް ޝެލްފް 1988” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް، 51 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 އޭޕްރީލް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.
13 ޖުމާދަލްއާޚިރު 1434
23 އޭޕްރީލް 2013