އާންމު ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

އާންމު ކޮމިޓީގެ މިއަހަރުގެ 8ވަނަ ބައްދަލުވުމުގައި، ވޯޓު ސިއްރު ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ: 2012/SC-C/36 ޤަސިއްޔާއިން ހުކުމް ކުރެއްވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާތައް އިސްލާހު ކުރުމައްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 9 އޭޕްރިލް 2013 ގައި އެ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީ ދިރާސާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި، ސުޕްރީމް ކޯޓުގެ ޙުކުމްގައި ބަޔާންވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާއަށް ގެންނަވާފައިވާ އިސްލާޙާއި، ގަވާއިދުގެ 173 ވަނަ މާއްދާއަށް އިތުރުކުރެއްވި (ރ) އާއި ގަވާއިދުގެ 177 ވަނަ މާއްދާއަށް އިތުރުކުރެއްވި (ޅ) އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފް ބާތިލް އިސްލާޙްތަކެއްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާކަން ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން އެހުކުމާ ގުޅިގެން ރައްޔިތުންގެ މިޖަލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ)އާއި، ގަވާއިދުގެ 173 ވަނަ މާއްދާއަށް އިތުރުކުރެއްވި (ރ) އާއި ގަވާއިދުގެ 173 ވަނަ މާއްދާއަށް އިތުރުކުރެއްވި (ރ) އާއި، ގަވާއިދުގެ 177 ވަނަ މާއްދާއަށް އިތުރުކުރެއްވި (ޅ) އުވިގެން ގޮސްފައިވާތީ، އަދި އެމާއްދާތަކަކީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓާއި ގުޅޭ މާއްދާތަކެއް ކަމުން ވޯޓު ނެގުމުގައި މަޖިލީހުން އަމަލުކުރަންވީގޮތް ސާފުކޮށްދެއްވުމަށް ވަނީ އަންގަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކްމާ ގުޅިގެން ގަވާއިދަށް އިތުރު އިސްލާޙެއް ގެންނަން ނުޖެހޭކަމަށް ކަނޑައަޅައި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރެވިފައިވާ މާއްދާތައް އިސްލާޙުކުރުމުގެ ކުރިން އެމާއްދާތައް އޮތްގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަށް 27 މާޗް 2013 ގައި ބޭއްވުނު މި ކޮމިޓީގެ 6 ވަނަ ބައްދަލުވުމަށް ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރައްވާފައެވެ.

މިމައްސަލައާއި ގުޅޭ މައުލޫމާތު އިތުރަށް ސާފުކުރެއްވުމައްޓަކައި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެންބަރުން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޏާޒިމް ރަޝާދުއެވެ.

 

15 އޭޕްރިލް 2013