ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން މައްސަލައެއް މިއަދުގެ ވަގުތެއްގައި އަނބުރާގެންދަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާގެ (ހ) ގެ ދަށުން  މިނިސްޓަރ އޮފް ހޯމް އެފެއާރޒް ޑރ.މުޙަންމަދު ޖަމީލް އަޙްމަދާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ އަލްފާޟިލް މުޙަންމަދު ނާޒިމްގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ ދެ މައްސަލަ މިއަދުގެ ވަގުތެއްގައި އަނބުރާގެންދަވައިފިއެވެ. މީގެއިތުރުން، އެޕާޓީގެ ފަރާތުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 14 ވަނަ މާއްދާއާ ޙަވާލާދެއްވައި، ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވަކިކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ މައްސަލަވެސް ވަނީ އަނބުރާ ގެންދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައިގައި ވޯޓަށް އެހުމުގެ ކުރިން އަނބުރާގެންދިޔުމުގެ ފުރުސަތު އެ މައްސަލައެއް ހުށަހެޅުއްވި މެންބަރަކަށް ލިބިގެންވެއެވެ.

14 އޭޕްރީލް 2013