ނޫސް ބަޔާން

މިއަދު، 8 އޭޕެރިލް 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ވޯޓުލުމުގައި ޢަމަލުކުރާނެ އުޞޫލެއްގެ ލަފައަކަށް އެދި، އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންވަނީ ނިންމަވާފައެވެ.

މިގޮތަށް ރިޔާސަތުން ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނަގަންޖެހޭ ޙާލަތްތަކުގައި، އެ ވޯޓު ނަގާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާއަށް، 3 ޑިސެމްބަރ 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގައި ނެންގެވި ވޯޓަކުން އިޞްލާޙު ގެންނަވައިފައިވަނިކޮށް، އެ އިޞްލާޙަކީ، ޤާނޫނުއަސާސީއާ ޙިލާފު ބާޠިލް އިޞްލާޙެއްކަމަށް، 14 މާޗް 2013 ގައި، ސުޕްރީމް ކޯޓުގެ ނަންބަރު 36/SC-C/2012 އިން ނިންމަވާފައިވާތީ، އެ ނިންމެވުމާ ގުޅިގެން އެ އިޞްޙުތައް ބާޠިލްވެގެން ގޮސްފައިވާތީއާއި، އެ އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން، އެ އިޞްލާޙު ރައްދުވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް  އަދި ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރައްވަމުން އައިސްފައިވާ މާއްދާއަށް ވެގެންދާނެ ގޮތެއް ސާފުނޫންކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެއްވެސް އިޞްލާޙެއް ގެންނަންޖެހޭނަމަ، އެކަމެއް ދިރާސާކުރައްވައި، އެކަމާ ގުޅޭގޮތުން ރިޕޯޓު ތައްޔާރުކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ ދަށުން، ޢާންމު ކޮމިޓީގެ މަސްއޫލިއްޔަތަކަށްވާތީއެވެ.