ފަލަސްތީންގެ މިނިސްޓަރ އޮފް ވަޤްފް އެންޑް ރެލިޖަސް އެފެއާޒް މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

CHR_0714

ފަލަސްތީންގެ މިނިސްޓަރ އޮފް ވަޤްފް އެންޑް ރެލިޖަސް އެފެއާޒް ހިޒް އެކްސެލެންސީ ޑރ. މަޙްމޫދު އަލް ހައްބާޝް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވަމުން، ފަލަސްތީންގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ދަތިތަށް ދިވެހިރާއްޖޭގެ ރައްޔިތުން ފުރިހަމައަށް އިހްސާސް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އަލްގުދުސް އާ އަލްޝަރީފް މިނިވަންކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތްތަކަށް، ދިވެހިރާއްޖޭގެ ތާއީދު އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.

ފަލަސްތީންގެ މިނިސްޓަރ އޮފް ވަޤްފް އެންޑް ރެލިޖަސް އެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނާމެދު ދިވެހި ރައްޔިތުން ބަހައްޓާ އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ބޮޑެތި ދަތިތަކުގެ މަޢުލޫމާތު މަޖިލީހުގެ ރައީސް އާ ޚިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.