3 ބިލެއް މަޖިލީހުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުން މިއަދު 3 ބިލެއް ބަލައިގަންނަން ފާސްކުރައްވައިފިއެވެ.

މިގޮތުން ސަރުކާރުގެ ފަރާތުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު މަޖިލީހުން ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ، ޕައިރަސީއާއި އެއާގުޅޭ އެހެން ކުށްތަކުގެ ބިލު މަޖިލީހުން ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.

އަދި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މި 3 ބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ހުޅުލޭގައި އޮންނަ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޙިމާޔަތްކުރުމުގެ ބިލާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2012/1 (ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް މި 3 ބިލު ފާސްކުރައްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 އޭޕްރީލް 2013 ވާ ހޯމަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

22 ޖުމާދަލްއޫލާ 1434

03 އޭޕްރީލް 2013