މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

Majlees Raees 2ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މިމައްސަލައަކީ “ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ބާރުވެރި ފަރާތްތަކާއި ގުޅިގެން ބޮޑެތި ނުބައި ޖަރީމާތައް ހިންގުމުގެ ވިއުގައެއް ގެންގުޅޭ، އަރުމޭނިއާއަށް ނިސްބަތްވާ، މަޝްހޫރު އާޓާރ ބްރަދާސްގެ ދެބެއިން ކަމުގައިވާ އާޓާރ މާރގަރުޔަންއާއި އާޓާރ ސާރގަޔަން، މިސަރުކާރުގެ ވަޒީރުންތަކަކާއެކު ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ސޯޝަލް މީޑިއާގައި ވަރަށް ބާރުމިނެއްގައި ފޮޓޯއާއި ޚަބަރު ފެތުރިގެން ދިއުމަށްފަހު މިހާރު ރަސްމީ މީޑިއާގެ ސަމާލުކަމަށް އެކަން އައިސް، ރާއްޖެ ޓީވީގެ އިތުރުން ހަވީރު ނޫހާއި ސަންއޮންލައިންއާއި އަދި މިނޫންވެސް ޚަބަރު ފަތުރާ ފަރާތްތަކުން ވަރަށް ތަފްސީލްކޮށް އެޚަބަރު ކަވަރުކޮށް، އާޓާރ ބްރަދާސްގެ ނުރައްކާތެރިކަމާއި، އެމީހުން ސިޔާސީ ފަރާތްތަކާ ގުޅިގެން ދުނިޔޭގައި ހިންގާފައިވާ ޖަރީމާތަކާއި އަދި ރާއްޖޭގެ ދެ ވަޒީރަކާއެކު އާޓާރ ބްރަދާސް ހަރަކާތްތެރިވަމުންދާކަން ފޮޓޯއިންނާއި ޚަބަރުތަކުން ފަޅާއަރުވާލާފައިވީހިނދު، މިކަމަކީ ޤައުމީ ސަލާމަތާ ސިދާ ގުޅުންހުރި، އަދި އިންތިހާއަށް ކަންބޮޑުވާންޖެހޭ، ބިރުހުރި ކަމަކަށްވާތީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި” ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 23 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 19 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން، ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 27 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 23 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 3 އޭޕްރީލް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

21 ޖުމާދަލްއޫލާ 1434

02 އޭޕްރީލް 2013