ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފި

ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 1 މެންބަރެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސް ނިންމަވާލައްވާފައިވެއެވެ. މި ބިލަށް މިއަދުގެ ޖަލްސާގައި 6 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ވެސް ކުރިއަށްގެންދަވާފައިވެއެވެ. މި ބިލަށް ވަނީ 5 މެންބަރުން ވާހަކަ ދައްކަވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 2 އޭޕްރީލް 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

20 ޖުމާދަލްއޫލާ 1434

01 އޭޕްރީލް 2013