ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

Alibbeހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މިބިލު ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުންނެވެ. މިބިލު ބަލައިގަތުމާއިގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބުމަކީ އަސާސީ ޙައްޤެއް ކަމުގައި ބަޔާންކޮށްފައިވާހިނދު، ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ދިނުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ އާސަންދަ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ޚަރަދެއް ދައުލަތުން ކުރަމުން ނުދިއުމުގެ ސަބަބުން ވަރަށް ނިކަމެތި ހާލުގައި ޖެހިފައިވާ އެތަކެއް ދިވެހި ރައްޔިތުންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވި ނިކަމެތި ހާލުގައިވާތީ މިކަމަށް އެކަށޭނަ ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށް ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 47 މެންބަރުން އަޣްލަބިއްޔަތުންނެވެ. 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައިނުވާއިރު އެއްވެސް މެންބަރަކު ނުފެންނަކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް ހުށަހަޅުއްވާފައިވާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމަވާލާފައިވެއެވެ.

މިއަދުގެ ޖަލްސާ ވަގުތު ހަމަވެގެން ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުން ދިޔައީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 އޭޕްރީލް 2013 ވާ ހޯމަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

15 ޖުމާދަލްއައުލާ 1434

27 މާރޗް 2013