ޤައުމީ ސަލާމަތު ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމުގައި، ކޮންވެންޝަން ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެންސްޓް ދަ ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން 1988 (އެސްޔޫއޭ ކޮންވެންޝަން) އާއި އަދި ޕްރޮޓޮކޯލް ފޮރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ދަ ސޭފްޓީ އޮފް ފެކްޓްސް ޕްލެޓްފޯރމް ލޮކޭޓަޑް އޮން ދަ ކޮންޓިނެންޓަލް ޝެލްފް 1988 (އެސްޔޫއޭ) ޕްރޮޓޮކޯލް އާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުމުގައި، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ނިންމަވާފައިވަނީ މި 02 ކޮންވެންޝަން ފާސްކުރެއްވުމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރައްވާފައިވާތީ، އެ ބިލު އަލުން ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއިން މިއަދުގެ ބައްދަލުވުމުގައި ނިންމެވިއެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ.