ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އިތުރަށް ރިއާޔަތްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާފައިވާތީ ކޮމިޓީން ހުށަހެޅުއްވިގޮތަށް ފާސްކުރައްވާފައި

vice speakerޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އިތުރަށް ރިއާޔަތްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާފައިވާތީ ކޮމިޓީން ހުށަހެޅުއްވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 46 މެންބަރުން އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 4 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މީސްމީހުންގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަމާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރު ނެރުމާބެހޭ ބިލު އިތުރަށް ރިއާޔަތްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމަވާފައިވާތީ ކޮމިޓީން ހުށަހެޅުއްވިގޮތަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 48 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ބިލުގެ އިތުރަށް ރިއާޔަތްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމަވާފައިވާތީ ކޮމިޓީން ހުށަހެޅުއްވިގޮތަށް ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި އާއިލާއާބެހޭ ގަވާއިދު 2001 ގެ 63 ވަނަ މާއްދާގެ (ހ) އަދި އަދި 65 ވަނަ މާއްދާގެ (ހ) އިޞްލާޙުކުރެއްވުމަށް އެދި ހުށަހެޅިފައިވާ މައްސަލަ، ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅިފައިވާ އިޞްލާޙާއެކު ރިޕޯޓް ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 48 މެންބަރުން އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ތޯރިޤް ހުށަހަޅުއްވާފައިވާ، މަލީޝާ ޙައްޖު އެންޑް އުމުރާ ސަރވިސަސްގެ ނަމުގައި ޙައްޖަށް ގެންދިއުމަށް ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އޮޅުވާލުމާއި މަކަރުގެ ދަލުގައި ޖެހުނު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ވަނީ ފާސްކުރައްވާފައެވެ. މި ޤަރާރު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 43 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 5 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މިޤަރާރު މަޖިލީހުން ބަލައިގަތުމާއިގުޅިގެން ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.

މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެފައިވެއެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 26 މެންބަރުން ވޯޓް ދެއްވާފައިވާއިރު 25 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މަޖިލީހުން ބަލައިގަތުމާއިގުޅިގެން މިބިލު ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވިފައެވެ.

އަދި ސަރުކާރުގެ ފަރާތުން، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ، ޕައިރަސީއާއި އެއާގުޅޭ އެހެން ކުށްތަކުގެ ބިލަށް ބަހުސް ކުރައްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސް ކުރައްވާފައިވަނީ 14 މެންބަރުންނެވެ.

އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ފަށްޓަވާފައެވެ. މިބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވީ 18 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ވަގުތު ހަމަވެގެން ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުން ދިޔައީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބުމަކީ އަސާސީ ހައްޤެއް ކަމުގައި ބަޔާންކޮށްފައިވާހިނދު، ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ދިނުމުގެ ގޮތުން ދައުލަތުން ދެމުންގެންދާ އާސަންދަ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ޚަރަދެއް ދައުލަތުން ކުރަމުން ނުދިއުމުގެ ސަބަބުން ވަރަށް ނިކަމެތި ހާލުގައި ޖެހިފައިވާ އެތަކެއް ދިވެހި ރައްޔިތުންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވި ނިކަމެތި ހާލުގައި، މިކަމަށް އެކަށޭނަ ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅާ ޤަރާރަށެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 މާޗް 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

13 ޖުމާދަލްއައުލާ 1434

25 މާރޗް 2013