ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރައްވާފައި، އެ ބިލު އަލުން ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް މިއަދު ނިންމައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 29 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ބިލު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރު ފޮނުއްވާފާއިވާ މައްސަލައިގައި އެބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުވުމަށްވަނީ ނިންމަވާފައެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 42 މެންބަރުން އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 1 މެންބަރެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 މާޗް 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

7 ޖުމާދަލްއައުލާ 1434

19 މާރޗް 2013