ހުޅުމާލެ ކޯޓަށް ފަނޑިޔާރުންގެ ބެންޗް އެކުލަވާ ލެވިފައިވާ ގޮތާ ބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފި

DSC_0803މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ބެންޗް އާއި ބެހޭގޮތުން، މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ މަޢުލޫމާތު ސާފު ކުރެއްވުމަށްޓަކައި އެ ކޮމިޝަންގެ  މެންބަރުންނާ ބައްދަލު ކުރެއްވުމަށެވެ. އަދި މިމައްސަލައިގައި ކުރެވުނު މުޢާމަލާތުގެ ތެރޭގައި މިހާތަނަށް ކޮމިޓީއަށް ނުފޮނުވިފައި ހުރި މަޢުލޫމާތުތަކާއި އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނު ބައްދަލުވުންތަކުގެ ޔައުމީއްޔާއާއި އެ ޔައުމީއްޔާތަކުގެ އޯޑިއޯ ރެކޯޑިންގ ކޮމިޓީއަށް ލިބޭނޭގޮތް ހައްދަވައިދެއްވުމަށް އެދި އެ ކޮމިޝަނަށް ދެންނެވުމަށްވެސް ނިންމަވާފައިވެއެވެ.

     މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެދި ދެންނެވުމަށް ނިންމެވި  ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝުކޫރު އާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދުއާއި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އިންތިޚާބުކުރެއްވި ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ރަޝީދު، ހެނދުނު 11:15 އިން ފެށިގެން  30 މިނެޓްގެ ވަގުތު  ކޮންމެ މެންބަރަކަށް ދިނުމަށްފަހު، ވަކިވަކިން ވަޑައިގެން އެދި ދެންނެވުމަށް ނިންމެވިއެވެ. އަދި މީގެއިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނޭ ހުރިހާ މެންބަރުން 14:30 ގައި ވަޑައިގެން އެދި ދެންނެވުމަށް ނިންމެވިއެވެ.

     މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ،  އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.