ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ތިންވަނަަ ބައްދަލުވުން އިއްޔެ ބާއްވައިފި (26.5.2010)

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާއި ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ތިންވަނަަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މިބައްދަލުވުމަކީވެސް ކޮމިޓީއަށް ބޭނުންފުޅުވާ މަޢުލޫމާތު ސާފުކުރުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމް އާއި ޑެޕިއުޓީ އެޑިޝަނަލް ސެކެރެޓަރީ އަލްފާޟިލާ އައިޝަތު ލިޔުޝާ ޒާހިރު އާއި، އަދި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމު ކޮމިޓީއަށް ޚާޒިރުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެއީ 24 މެއި 2010 ގައި މަޖިލީހުގެ ގަވާއިދުގެ 132 ވަނަ މާއްދާގެ (ކ) ގެ ދަށުން ކޮމިޓީއިން އަމުރެއް ނެރުއްވުމަށްފަހު، އެގަވާއިދުގެ 109 ވަނަ މާއްދާގެ (ށ) އަދި އެގަވާއިދުގެ 121 ވަނަ މާއްދާގެ (އ) ގައިވާގޮތުގެ މަތީން ކޮމިޓީގެ މުގައްރިރު ސޮއިކުރައްވާ 25 މެއި 2010 ގައި ބާއްވާ އެކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް މިބޭފުޅުންނަށް ދަންނަވައި، ބޭއްވުނު ބައްދަލުވުމެކެވެ.

އިއްޔެގެ ބައްދަލުވުމަށްވެސް ކޮމިޓީއަށް ހާޒިރުވުމަށް އަމުރުނެރުއްވައި ދެންނެވުނު އެއްވެސް ބޭފުޅަކު ވަޑައިގެންފައި ނުވެއެވެ.  އެހެންކަމުން، މިބޭފުޅުން ޚާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން މިބޭފުޅުންނާއި ދޭތެރޭ އަޅާނެ ފިޔަވަޅަކާ މެދުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ. ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކޮންޓްރޯލަރ ކޮމިޓީއަށް ޚާޒިރުވެވަޑައިނުގެން، އެދިވަޑައިގެންފައިވަނީ އެބޭފުޅުން ޚާޒިރުވެވަޑައިގަތުމަށް އަންގަވާފައިވާ އަމުރުގައި މަޖިލީހުގެ ގަވައިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ސޮއިކުރައްވާފައިނެތުމުން އަމުރުގައި ސޮއިކުރުމާބެހޭ ތަފްޞީލް ސާފުކޮށްދެއްވުމަށެވެ.

އެދުވަހުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ރައީސް ކޮމިޓީއަށް ދެއްވަންބޭނުންފުޅުވާ މެސެޖެއް އިއްވެވުން އޮތެވެ. މިމެސެޖް ކޮމިޓީއަށް އިއްވަވާ ދެއްވީ މަޖިލީހުގެ އިދާރާގެ ލީގަލް ކައުންސެލް ފާތިމަތު ނިއުޝާ އެވެ. މިމެސެޖުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އަށް ސީދާ ރައީސުލް ޖުމޫހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ފޯނުން ގުޅުއްވި ކަމަށާއި، އަދި ސަރުކާރުގެ ބައެއް އިސްބޭފުޅުން ކޮމިޓީއަށް ޚާޒިރުކުރެއްވުމާބެހޭ ކަންތައް ހިންގާފައިވާގޮތް އެމަނިކުފާނު އަރިހުން ރައީސުލް ޖުމުހޫރިއްޔާ ސާފުކުރެއްވިކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެއީ ކޮމިޓީން ހިންގަވާ ކަމެއްކަމަށާއި ކޮމިޓީން އެކަން ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތީން ކޮމިޓީން ނިންމަވާ ނިންމެވުންތަކެއްގެ މައްޗަށް ބުރަވެވަޑައިގެންކަމަށް މަޖިލީހުގެ ރައީސް، ރައީސުލް ޖުމުހޫރިއްޔާ އަރިހުގައި ދަންނަވާފައިވާކަމަށެވެ.

އެއަށްފަހު ކޮމިޓީގައި މިމައްސަލަ ކުރިއަށް ގެންދާނެގޮތަކާއި ގުޅޭގޮތުން ފުޅަދާއިރާއެގައި މަޝަވާރާކުރެއްވެވިއެވެ. މިގޮތުން ކޮމިޓީން ނެރުއްވާ އަމުރަށް ކިޔަމަން ނުވުމުން އެބަޔަކާއި ދޭތެރޭ ދެން ޢަމަލުކުރެވޭނެގޮތަކީ ކޮބާތޯ ކޮމިޓީގެ ބައެއް މެންބަރުން މުގައްރިރު އަރިހުން ސާފުކުރެއްވެވިއެވެ. އަދި 24 މެއި 2010 ގައި ކޮމިޓީއިން ނެރުއްވާފައިވާ އަމުރަކީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ އަމުރެއް ނޫންކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ވިދާޅުވީ މަޖިލީހުގެ ރައީސްވެސް ކޮމިޓީން ނެރުއްވި އަމުރު ނެރުއްވާއިފައިވާނީ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެއް ނުވާ ކަމަށެވެ.

މިބައްދަލުވުން ނިންމަވާލައްވަމުން ކޮމިޓީގެ މުޤައްރިރު ވިދާޅުވީ މިމައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރައީސާއި އަދި ގާނޫނީ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ދެން ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ތާރީޚެއް އެކޮމިޓީގެ މެންބަރުންނަށް އަންގަވާދެއްވާނެ ކަމަށެވެ.