ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ މައްސަލަ އާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

DSC_0564މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަންގެ މައްސަލަ އާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައިވާތީ އެކަމާ ގުޅޭ ގޮތުން ކޮމެޓީން ގޮތެއް ނިންމުމަށްޓަކައި މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި މިމައްސަލައާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު  ހުށަހެޅި ތާއީދުލިބިފައިވާ ހުށަހެޅުމަށް ވޯޓަށްއައްސަވައި ފާސްކުރައްވާފައިވެއެވެ. މިހުށަހެޅުމުގައި  ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާތިލް ވަކިކުރުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ނިންމަވާފައިވީނަމަވެސް،  އެ ނިންމެވުމުގައި އޭނާގަ މަޤާމު އަލުން ރުޖޫޢު ކުރަން ޖެހޭނެކަން ނުވަތަ ކޮމްޕަންޝޭޝަނެއް ދޭންޖެހޭނެކަމެއް ކަނޑައަޅުއްވާފައި ނެތުމާއި، އާންމު އުޞޫލަށް ބަލާއިރު ވަޒީފާއެއްގެ މައްސަލާގައި މިހާތަނަށް ކޯޓްތަކަށާއި ޓްރައިބިއުނަލްތަކުން އެފަދަ މައްސަލަތަކުގައި އެމީހެއްގެ މަޤާމާމެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅުއްވާކަމަށާއި، ނަމަވެސް މި މައްސަލާގައި އެފަދަ ނިންމުމެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެންގެވި ވޯޓަކުން، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ވަކިކޮށްފައިވާކަން 20 ނޮވެމްބަރ 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިޢުލާންކޮށްފައިވާތީ، އެކަން ދެމިއޮންނާނެކަމަށާއި، ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ ދަށުންނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ރައްޔިތުންގެ މަޖިލީހާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްކަމުން، އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ހުށަހަޅާފައިވެއެވެ.

އަދި، މި ހުށަހެޅުމުގައި، 20 ނޮވެމްބަރ 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެންގެވި ވޯޓަކުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ވަކިކުރުމުގެ ސަބަބުން އެކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވީނަމަވެސް، ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އެއްވެސް ފަރާތެއް ޢައްޔަންކޮށްފައިނުވަނީ، ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން، އެމައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅުއްވަންދެން، ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މެންބަރަކު ޢައްޔަންކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް، އެކޯޓުގެ ނަންބަރު 2012/SC-VA-J/03 ވަގުތީ އަމުރެއް އަންގަވާފައިވާތީ އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކުލެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީގެ ނިންމުމުގައި ފާސްކުރެއްވިއެވެ.

     މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ،  އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.