ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށްޓަކައި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، 20 ނޮވެމްބަރ 2012 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެންގެވި ވޯޓަކުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ގ.ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަން ވަކިކުރައްވާފައިވަނިކޮށް، އޭނާ އެކޮމިޝަނުގެ މެންބަރުކަމުން ވަކިކުރައްވާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށްބުނެ، 11 ޑިސެމްބަރ 2012 ވަނަ ދުވަހު މުޙައްމަދު ފަހުމީ ޙަސަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމަށް ނަގާފައިވާ ވޯޓު ބިނާކުރި އިޖްރާޢަތަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާއަތުތަކެއް ނޫންކަމަށާއި، އަދި އެ އިޖުރާއަތުގެ މައްޗަށް ބިނާކޮށް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާތިލް ވަކިކުރުމެއް ކަމަށް ބަޔާންކޮށް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށްޓަކައި އަދި މިމައްސަލައިގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާގޮތް ބެލުމަށްޓަކައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 މާޗް 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

6 ޖުމާދަލްއައުލާ 1434

18 މާރޗް 2013