ކ. މާފުށީ ޖަލުގައި 18 އަހަރުން ދަށުގެ ދެ އަންހެން ކުދިން ހައްޔަރު ކޮށްފައިވާ މައްސަލައާ ގުޅިގެން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމުގައި، ކ. މާފުށީ ޖަލުގައި 18 އަހަރުން ދަށުގެ ދެ އަންހެން ކުދިން ހައްޔަރު ކޮށްފައިވާ މައްސަލައާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ނިންމަވާފައިވަނީ އެމައްސަލައިގައި ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަންތައް ތަހުޤީގު ކުރުމަށްފަހުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށައަޅައި، އެކަމުގައި ޤާނޫނީ ގޮތުން، ޚިލާފުވެފައިވާ ފަރާތްތަކާ ދޭތެރޭ ދައުވާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންގައި ދެންނެވުމަށެވެ. އަދި މީގެ އިތުރުން، ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި 18 އަހަރު ނުފުރޭ ކުދިންތަކަކަށް، ނަފްސާނީ ބަލިމީހުންނަށްދޭ ބޭސް ކާންދެމުން ދާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޓީގައި ބުނެފައިވާތީ މިކަން ހިގާފައިވާ ގޮތެއް ބެއްލެވުމަށް ކަމާގުޅޭ ފަރާތްތަށް ހާޒިރުކޮށް އަދި އެކަމާ ގުޅޭ ތަފްޞީލުތައް ހޯދުމަށްވެސް ފާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން، 21 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޖަލްސާއެއްގައި ޕީ.ޕީ.އެމްގެ މެންބަރަކު މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީ އަކީ ޓެރަރިސްޓް ޖަމާޢަތުގެ ކަމުގައި ބުނެ އެމް.ޑީ.ޕީގެ މެންބަރުން މަރާލަންޖެހޭ ބައެއް ކަމުގައި ވިދާޅުވެ ފޮނުއްވާފައިވާ ސިޓީއާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިމައްސަލައާ ބެހޭ ގޮތުން މިމައްސަލަ ހިނގާފައިވާ ގޮތް ބެލުމަށްޓަކައި މިމައްސަލައާ ބެހޭ  މަޢުލޫމާތު ހޯދުމަށް ނިންމަވާފައިވެއެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.