މާލިއްޔަތު ކޮމިޓީގެ 9 ވަނަ ބައްދަލުވުން ބާއްވައިފި

DSC_0299މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ކައުންސިލަރުންގެ ތެރެއިން، ގަޑިޖެހިގެން ކައުންސިލުގެ އިދާރާއަށް ވަޑައިގަންނަވާ ކައުންސިލަރުންނާއި ކައުންސިލުގެ އިދާރާއަށް ވަޑައިނުގަންނަވާ ކައުންސިލަރުންގެ މުސާރައާއި ގަޑީލާރި ކަނޑާހިނދު، ކައުންސިލަރުންގެ ރަސްމީގަޑީގެ އިތުރުން ކައުންސިލުގެ މަސައްކަތްތަކުގައި އުޅުއްވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާވެސް ލިބިދޭންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 43 ވަނަ ބައްދަލުވުމުން ނިންމަވާފައިވާތީވެ، ކައުންސިލަރުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް އަންގަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ލިބިދީފައިނުވާތީ، މި އުޞޫލު ދެމެހެއްޓުމަށް ކައުންސިލަރުންނަށްވެސް އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވެން ނެތްކަމަށެވެ.

މީގެއިތުރުން، މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް ޢާންމު ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ބިންތަކަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ޙަވާލު ކުރެވިފައިވާ ތަންތަންކަން މާލިއްޔަތު ކޮމިޓީން ކަށަވަރުކޮށްދެއްވާ، މިކަމުގައި މާލިއްޔަތު ކޮމިޓީން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް 07 ޖެނުއަރީ 2013 ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ އާއި މެދު މަޝްވަރާކުރެއްވުމަށްފަހު މި މައްސަލައިގައި މިހާތަނަށް ކަންތައް ހިނގާފައިވާގޮތް މާލޭ ސިޓީ ކައުންސިލުންނާއި އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ހޯއްދެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި ބޭފުޅުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު އެވެ.