ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށްވީހިނދު، 27 ޑިސެމްބަރ 2012 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ތަސްދީޤްކުރެއްވުމަށްޓަކައި 30 ޑިސްމެބަރ 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން، އެދެބިލާމެދު އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދިވަޑައިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް އެދެބިލު ރައީސުލްޖުމްހޫރިއްޔާވަނީ އަނބުރާ ފޮނުއްވާފައެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކުރައްވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.

ކަންމިހެން އޮތްއިރު، 5 މާޗް 2013 ވީ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވި ސިޔާސީ ޕާޓީގެ ބިލަށް ރައްޔިތުންގެ މަޖިލީހުންވަނީ ބަހުސްކުރައްވައި، އެ ބިލަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް، އެ ޖަލްސާއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލުވެސްވަނީ، އެ ބިލަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް، އެ ޖަލްސާއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައެވެ. ވީމާ، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ފާސްކުރެއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުކަމުގައިވާ 39 ވޯޓު މިވަނީ ލިބިފައެވެ. އަދި، އެ ދެ ބިލު ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރެއްވުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ބިލު ތަސްދީޤްކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކަންތައް ނިންމަވައި ދެއްވުމަށްޓަކައި، 6 މާޗް 2013 ވަނަ ދުވަހު އެ ދެ ބިލުވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ފުރިހަމަ އިޚްތިޞާޞްގެ ދަށުން، މަޖިލީހުން ފާސްކުރާ ބިލެއް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ހަމަ އެ މާއްދާގެ އެ އަކުރުގައި ސާފުބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާތީ، އިންސާނީ ބާރު ނުފޯރާފަދަ، އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިގެން މެނުވީ ލަސްކުރުމަކާނުލައި، އެ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އެބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަންވާނެކަމަށް، ދިވެހިރާއްގޭ ސުޕްރީމްކޯޓުގެ ނަންބަރު 27/SC-C/2010 ޤަޟިއްޔާއިން، އެ ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ކަނޑައަޅުއްވާފައެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ތަސްދީޤްކުރެއްވުމަށްޓަކައި އެކަށީގެންވާ ވަގުތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވީނަމަވެސް، އަދި، ދިވެހިރާއްގޭ ސުޕްރީމްކޯޓުގެ ނަންބަރު 27/SC-C/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް އެއްވެސް މިންވަރަކަށް އުފަންވެފައިނުވަނީސް، އެދެބިލު ތަސްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުން އެކަށީގެންނުވާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ ފަސްކުރައްވައި، މިއަދާ ހަމައަށްވެސް އެދެބިލު ތަސްދީޤްކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިނުވާތީ، އެކަން ނުހަނު ކަންބޮޑުވުމާއެކު ރައްޔިތުންގެ މަޖިލީހުން ފާހަގަކޮށް، އެ ދެބިލު މިއަދުން މިއަދަށް ތަސްދީޤްކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމަށް ރައްޔަތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއާއި، ދިވެހިރައްޔިތުންގެ ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީޕަލްސް އެލައިއެންސްގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރުން އެއްބަސްވެ، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއިން ދީފައިވާ ފުރުޞަތަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމަށްޓަކައި، ހައިކޯޓަށާއި ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތުކަމަށްވީހިނދު، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލެއް ޤާނޫނުކަށްވާނީ، އެބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޣުކުރެއްވުމުންކަން ޤާނޫނުއަސާސީގެ 92 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތްހިނދު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ބިލެއް ނުހިމެނޭނެކަން ސާފުކޮށް އެގެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރައްވާފައިވާ ސިޔާސީ ޕާޓީގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިނުވަނީސް، އެ ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ހުށަހެޅުއްވުމަކީ އެ ކުރައްވައިގެން ނުވާނެކަމެއްކަމުގައި ރައްޔިތުންގެ މަޖިލީޙުގައި ހިމެނޭ މިދެންނެވި ސިޔާސީ ޕާޓީތައް ދެކެއެވެ.

 

އޯޑިއޯ:  News Briefing, 11 March 2013