ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ވެވަޑައިގަންނަވަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓުން ބައްލަވަމުން ގެންދަވާ، ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ މައްސަލަ ބެއްލެވުމަށްޓަކައި އެކޯޓަށް ހަމަޖައްސަވާފައިވާ ފަނޑިޔާރުންގެ ބެންޗާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ނިންމަވައި، 6 މާޗް 2013 ވީ ބުދަ ދުވަހުގެ ރޭ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އެކޮމިޝަނަށް އަންގަވާފައިވަނިކޮށް، އެކަމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެޑައިގެންނެވެން ނެތްކަމަށް އަންގަވައި، އެ ކޮމިޝަނުގެ ރައީސް  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވި ސިޓީއެއްގައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ކަމާގުޅޭ ޤާނޫނުތަކުގެ ދަށުން އެކުލަވާލާފައިވާ މިނިވަން މުއައްސަސާތަކަކީ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތްތަކެއްކަމަށްވީހިނދު، އަދި، އެ މުއައްސަސާތަކާގުޅޭ އެންމެހައި ކަންކަން ނިންމުމަކީ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހާ ޙަވާލުވެފައިވާ މަސްއޫލިއްޔަތެއްކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މިނިވަން މުއައްސަސާތައް ހާޒިރުކޮށް، އެކޮމިޓީތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެކޮމިޓީތަކަށް ބޭނުންވާ ސުވާލުކުރުމުގެ ބާރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އެކޮމިޓީތަކަށް ލިބިދޭ ކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުން، އެ ކޮމިޝަނަކީވެސް، އެ ކޮމިޝަނުން ކުރާ ނުވަތަ ކޮށްފައިވާ މަސައްކަތަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުން، އެ ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ދާއިމީ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވައި، އެކޮމިޓީން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެ ފަރާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤަބޫލުކުރައްވާތީ އާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްކަމުގައިވީހިނދު، އެ ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރެއްވުމަށްޓަކައި ފަރުދީގޮތުންވިޔަސް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ހަމަ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިވާހަކަ ބަޔާންކުރައްވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސަށްވެސް ސިޓީއެއް ފޮނުއްވާފައެވެ.