މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ސިޔާސީ ޕާޓީގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 މާޗް 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
24 ރަބީޢުލްއައްވަލް 1434
05 މާރޗް 2013