ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީ އަށް ވަޒީރުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް މުވައްޒަފުން ޙާޒިރުވެވަޑައިނުގަންނަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަން އަންގަވައި، ރައްޔިތުންގެމަޖިލީހުގެ ރައީސަށް ފޮނުއްވިސިޓީފުޅަށް މަޖިލީހުގެ ރައީސް ޖަވާބުދެއްވައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީ އަށް ވަޒީރުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް މުވައްޒަފުން ޙާޒިރުވެވަޑައިނުގަންނަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަން އަންގަވައި، ރައްޔިތުންގެމަޖިލީހުގެ ރައީސަށް ފޮނުއްވިސިޓީފުޅަށް މަޖިލީހުގެ ރައީސް ޖަވާބުދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. އެސިޓީގައި މަޖިލީހުގެ ރައީސް ލިޔުއްވާފައިވަނީ ތިރިގައި މިވާ ގޮތަށެވެ.

“20 ޖެނުއަރީ 2013 ގައި މަނިކުފާނު ފޮނުއްވި ސިޓީ އަށް ޙަވާލާދީ ދަންނަވަމެވެ.

މަނިކުފާނުގެ ސިޓީފުޅުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ މައްޗަށް އެކުލަވާލެވިފައިވާ ދައުލަތެއްކަމުގައި ވިދާޅުވެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެއްވެސް ބާރަކަށް ލިބިދީފައިވާ ބާރަކީ، އަނެއްބާރެއްގެ ބާރުތައް ނިގުޅައިގަނެވިދާނޭފަދަޔަކުން ލިބިދީފައިވާ ބާރުތަކެއް ނޫންކަމުގައި ވިދާޅުވެފައިވާތީ އާއި އެކަން އޮންނަނީ އަދި އޮންނަންވާނީވެސް އެގޮތަށްކަމުގައި ދެކެވަޑައިގެން އެކަން ޤަބޫލުކުރައްވާތީ އެކަމާ އަޅުގަނޑު އުފާކުރާވާހަކަ ދަންނަވަމެވެ. އަދި އެގޮތަށް މަނިކުފާނު ދެކެވަޑައިގެން އެގޮތަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައިވުމާއެކު ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރުގެ ތެރެއިން އެހެން އެއްވެސް ބާރަކަށް ލިބިދީފައިވާ ބާރެއް ނިގުޅައިގަތުމަށް ނުވަތަ ހަނިކުރެއްވުމަށް ވެރިކަން ހިންގާ ފަރާތުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ.

2012 ފެބްރުއަރީ 7 ވަނަދުވަހު ހިގައިދިޔަ ކަންތައްތައް ތަޙްޤީޤުކޮށް ބެއްލެވުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން މަނިކުފާނު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ގެ މަސައްކަތް ނިންމެވުމަށްފަހު އެކޮމިޝަނުން އެކުލަވައިލެއްވި ރިޕޯޓް އެކޮމިޝަނުގެ ސެކްރެޓޭރިއަޓް މެދުވެރި ކުރައްވައި އަޅުގަނޑަށް ފޮނުއްވުމުން މިބާވަތުގެ ރިޕޯޓްތަކާއި މެދު މަޖިލީހުގައި ޢަމަލުކުރަމުން ގެންދާ އުޞޫލުގެ މަތީން އެރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށާއި، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށާއި، ޤައުމީސަލާމަތުގެ ކޮމިޓީއަށާއި، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ސަލާމަތީ ޚިދްމަތްތަކާބެހޭ ކޮމިޓީއަށް ވާނީ ފޮނުވާފައެވެ. މިރިޕޯޓް ފޮނުވުނުކޮމިޓީތަކުގެ ތެރެއިން ރައްޔިތުންގެމަޖިލީހުގެ ގަވައިދުގެ 102 ވަނަ މާއްދާ ގައި ބަޔާން ކުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ގެ މަސައްކަތަކީ ސަރުކާރުން ހިންގަމުންގެންދާ ސިޔާސަތުތަކާއި އުޞޫލުތަކާއި ގަވައިދުތަކާ ބެހޭގޮތުން ކަމާގުޅޭ ޤާނޫނުތަކުގައި ބަޔާންވެގެންވާ ގޮތަށް އެކަންކަން ހިނގާތޯ ބެލުމުގެ މަސައްކަތް ކުރުމާއި، ސަރުކާރުގެ ނިޒާމު އިސްލާޙް ކުރުމަށްޓަކައި ކުރާ ކަންތައްތައް ބަލައި އެކަންކަމާގުޅޭގޮތުން ފެންނަ ލަފާ ދިނުމާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލަމުންދިއުމާއި، މިދެންނެވުނު ކަންކަމާގުޅޭގޮތުން ހިންގަންޖެހޭ ތަޙްޤީޤުތައް ހިންގައި ކުރަންޖެހޭ ދިރާސާތައްކޮށް ސަރުކާރަށް އަންގަންޖެހޭ އެންގުންތައް އެންގުމެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކުލަވާލާ ޝާއިޢުކުރަމުންދާ އެކިއެކި ރިޕޯޓްތައް ދިރާސާކުރުންވެސް ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި އެހެން ކޮމިޓީއަކަށް ޢާއްމު އުޞޫލެއްގެ ގޮތުން ލިބިފައިވާ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅުންހުރި ކަމަކާގުޅޭގޮތުންވެސް، އެކަމަކީ ސަރުކާރުގެ ހިންގުންހަރުދަނާކޮށް އިޞްލާޙްކުރުމާއި ގުޅުންހުރި ކަމެއްކަމުގައިވާނަމަ އެކޮމިޓީގެ ހުއްދައެއްހޯދުމަކާނުލައިވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް އެކިއެކި ތަޙްޤީޤުތައްކޮށް ދިރާސާތައްކުރެވިދާނެކަމުގައި ރައްޔިތުންގެމަޖިލީހުގެ ގަވައިދުގެ 102 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައި ޢަމަލުކުރަމުންގެންދާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރުބަލާކޮމިޓީގެ މަސައްކަތް މިދެންނެވި ގޮތުގެ މަތީން ބަޔާންވެގެންވީ ހިނދު، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން ނެރުނު ރިޕޯޓް އެކޮމިޓީން ދިރާސާކުރައްވަމުންގެންދެވުމުގައި އެކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމުގެ ބާރު އެކޮމިޓީއަށް މަޖިލީހުގެ ގަވައިދުގެ ދަށުން ލިބިދެއެވެ. އެކަމަކީ މަޖިލީހުގެ ރައީސް ކަނޑައަޅާކަމެއްނޫންކަމުގައި ދަންނަވަމެވެ. އަދި އެކަން ހިނގަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ކޮމިޓީ އަށް ލިބިދީފައިވާ ބާރާއި އިމުގެ ތެރެއިން ކަމުގައިވެސް ދަންނަވަމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ ބާރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ޙާޒިރުކުރުމުގައި މީގެކުރިންވެސް މިބާވަތުގެ މައްސަލައެއް ދިމާވެފައިވާކަމާއި އެކަން ހިނގައި ދިޔަގޮތްވެސް މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި މިމައްސަލަ ހިނގި އިރު މަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް މެއެވެ. 3 އޯގަސްޓް 2010 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުން ރައްޔިތުންގެ މަޖިލީހަސް ހާޒިރުވުމާއި ޖަވާބުދާރީ ވުމާ ބެހޭގޮތުން އެދުވަހު ނިންމެވި ނިންމެވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1029/2010/57/ސީބީއޯ(އެސް)-1 ( 6 އޮގަސްޓް 2010 ) ސިޓީން އަޅުގަނޑަށް ފޮނުއްވިއެވެ. އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޤަރާރަކުން އެކަމުގައި ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް މަޖިލީހުން ވަނީ ހޯއްދަވާފައެވެ. އެލަފާގައިވަނީ މިފަދައިންނެވެ.

“ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތީން ހުރުމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާއަށާއި 88 ވަނަ މާއްދާއަށާއި 98 ވަނަ މާއްދާއަށާއި، 99 ވަނަ މާއްދާއަށާއި، 237 ވަނަ މާއްދާއަށާއި، 238 ވަނަ މާއްދާއަށާއި 239 ވަނަ މާއްދާގެ (ށ) އަށާއި، 241 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ޤާނޫނުއަސާސީއާއި ދީމިޤްރާޠީ މުއައްސަސާތައް ޙިމާޔަތްކޮށް ޤާނޫނު ދަމަހައްޓަންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނަ އޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރާންވާނީ އަދި އެ ތަންތަނުން ހިނގާހުރިހައި ކަމެއް ހިންގާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން، ޖަވާބުދާރީ ވަނިވިގޮތެއްގައިކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނަ އޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައި އޮންނަ އޮތުމުގެ މައްޗަށާއި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާންވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި އެމީހަކު އަދާކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން އެމީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކަށް އެންގިދާނެކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ބުނުމުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް އެކުލެވިގެންވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށްކަން ޤާނޫނުއަސާސީއިން އެނގެން އޮންނަ އޮތުމުގެ މައްޗަށާއި މި އެންމެހައި ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާއެއްގޮތްވާ ގޮތުގެމަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަޤާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމުވެގެންވާކަމެއްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

އެހެންކަމުން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާ އަށާއި ސްޕްރީމް ކޯޓުގެ މިދެންނެވުނު ކަނޑައެޅުއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީ ތަކަށް މީހުން ޙާޒިރު ކުރުމުގައި ޢަމަލުކުރަމުންގެންދާ ގޮތާއި މިކަންކަން ސަރުކާރަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ ކޮމިޓީތަކަށް ވަނީ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ. ކަން މިހެން ހުރުމާއެކު މިހާރު މަޖިލީހުގެ މަސައްކަތަކީ އެންމެ މީހަކަށް އެކަނި ޚުދްމުޚްތާރު ގޮތެއްގައި ކުރެވިދާނެ މަސައްކަތެއް ނޫން ކަމުގައި ދަންނަވަމެވެ. އަދި އެންމެ މީހަކަށް ނުވަތަ މަޖިލީހުގެ ރައީސަށް ފެންނަގޮތަކަށް ކަންކަން ނިންމުމަށް މަޖުބޫރުކުރުމުގެ ސަގާފަތް މިހާރު އުވިގެން ގޮސްފައިވާކަމުގައިވެސް ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޙާޒިރުކުރާ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ ބަޔާންތަކާމެދުވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 132 ވަނަ މާއްދާގެ (ރ) ގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވަނީ އެމިހަކުދޭ ހެކި ބަހަކީ ވަކި މީހެއްގެ އަބުރު ގެއްލިގެން ހިނގައިދާނެ ނުވަތަ ވަކި މީހަކާމެދު ދެކޭގޮތަށް ބަދަލު އަތުވެދާނެ ނުވަތަ ވަކި މީހަކު ކުށެއްކުރީކަމަށް ދޭހަވެދާނެކަހަލަގޮތަކަށް މަޢުލޫމާތުފެތުރިގެން ހިނގައިދާނެ ކަމެއްކަމަށްވާނަމަ، ކޮމިޓީގެ ޢާއްމު ބައްދަލުވުން ސިއްރު ބައްދަލުވުމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ކޮމިޓީއަށް ލިބިގެންވާކަމަށާއި އެކަން އެހެންނަމަވެސް ކުރާންވާނީ ކޮމިޓީގައި އެކަންކުރުމަށް ނަގާވޯޓަކުން އެކަން އެގޮތަށްކުރުމަށް ފެނިއްޖެކަމަށް ވާނަމަ ކަމަށާއި ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ހާމަ ކުރެވޭނީ ނުވަތަ ޢާންމުންނަށް ދޫކުރެވޭނީ ކޮމިޓީން އެގޮތަށް ފާސްކޮށްފި ހިނދެއްގައި ކަމުގައެވެ. އެހެން ކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ގެ ރިޕޯޓް ދިރާސާކުރެއްވުމުގައި އެކި ފަރާތްތަކުން ނަންގަވާފައިވާ ބަޔާން ތައް މަޖިލީހުގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވަނީވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއިން އެމަޢުލޫމާތުތައް ޢާއްމު ކުރުމަށް 16 ޖެނުއަރީ 2013 ވީ ބުދަ ދުވަހު ބޭއްވުނު އެ ކޮމެޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުމުގައި ފާސްކުރެއްވުމުން ކަމުގައިވެސް ދަންނަވަމެވެ.

މަނިކުފާނުގެ ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގަނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއާތު ތަކާ އެކުގައިކަން އަޅުގަނޑަށް ޔަގީން ނުކުރެވޭކަމަށް ވިދާޅުވެފައިވާތީ އެކަމާ އަޅުގަނޑު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންކަންހިންގުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައި ކަމެއްއޮތްގޮތް އަޅުގަނޑަށް ޔަގީން ނުކުރެވިގެން މަނިކުފާނުގެ އަރިހުގައި ދެންނެވިފައެއްނުވާނެއެވެ.

މިސިޓީ އާއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދްމަތްތަކާބެހޭ ކޮމިޓީ އަށް ޙާޒިރުވުމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލު އަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީޙް އަށް އެކޮމިޓީން އެންގުމުން ކޮމިޓީއަށް ޙާޒިރުވެ ވަޑައިގަތުމަށް އިންކާރު ކުރެއްވުމާގުޅިގެން އެކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަ އަކަށް އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް 10 މާރޗް 2011 ގައި ދެއްވާފައިވާ ލަފާ  މަނިކުފާނަށް އަރިސްކުރަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާއި 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިސްވެދެންނެވުނު އިސްތިޝާރީ ލަފާގައި މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީ ތަކަށް މީހުން ހާޒިރުކުރުމުގައި މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައި ބާރު ނިގުޅައިގަނެވޭ ގޮތަށް ސަރުކާރުގެ އިސް މުވައްޒަފުން މަޖިލީހުގެ ކޮމިޓީ އަކަށް ޙާޒިރުނުވުމަށް މަނިކުފާނު ކަނޑައަޅުއްވާފައިވާތީ އެކަމާ އަޅުގަނޑު ކަންބޮޑުވެ ހިތާމަކުރާ ވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.”