ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 12 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 12 ވަނަ ބައްދަލުވުމުގައި، ނ. މިލަދޫ ކައުންސިލްގެ މެންބަރެއް ކަމުގައިވާ އަލްފާޟިލް ނަސްރުﷲ މުޙަންމަދު ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ.

މި މައްސަލައަކީ، އަލްފާޞިލް ނަސްރުﷲ މުޙަންމަދު މަސައްކަތަށް ނެކުތުމުން، މިލަދޫ ކައުންސިލްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން އޭނާގެ މަސައްކަތަށް ހުރަސްއަޅާކަމަށާ، އަދި 31 މެއި 2012 އިން ފެށިގެން އޭނާއަށް މުސާރަ ނުލިބޭ ކަމަށް ބުނެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައިވާތީ، މިއަދުގެ ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޑރ. މުޙަންމަދު ޖަމީލް އަޙްމަދް އާ ކޮމިޓީން މިއަދު މެންދުރު 14:00 ގައި ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

އަދި އެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމުގެ ގޮތުން، މިއަދު 16:10 ގައި އަލްފާޞިލް ނަސްރުﷲ މުޙަންމަދާ، މިލަދޫ ކައުންސިލްގެ މެންބަރެއް ކަމުގައިވާ އަލްފާޟިލް މުޙަންމަދު ލަޠީފް އާ ކޮމިޓީން ބައްދަލުކުރައްވާ، މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.