ނ. މާފަރުގެ ރައްޔިތުން އިޙްތިޖާޖްކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ނ. މާފަރު ކައުންސިލާއި، އެ މައްސަލައިގައި އެ ރަށުން އެކުލަވާލާފައިވާ ޓާސްކް ފޯސްއާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުގައި، ނ. މާފަރު އެއަރޕޯޓްގެ މަސައްކަތް ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ނިކުމެ އެ ރަށުގެ ހުރިހާ މުއައްސަސާއެއް ބަންދުކޮށް އިޙްތިޖާޖް ކުރަމުންދާތީ، މި މައްސަލަ ދިރާސާކުރެއްވުމުގެ ގޮތުން މާފަރު ކައުންސިލްއާއި އެ ރަށުން އެކުލަވާލާފައިވާ “30 ޑިސެމްބަރ ޓާސްކް ފޯސް” ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ނ. މާފަރުގެ ރައްޔިތުންނަށް ތަރައްޤީގެ ގޮތުން ކުރިމަތިވެފައިވާ ދަތިތަކާއި، އަދި އެ ރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބުން ދަތިވެފައިވާތީ، މިކަންކަމާއި ގުޅިގެންވެސް އެ ރަށުގެ ޓާސްކް ފޯސްއިން ވަނީ ކޮމިޓީއަށް މަޢުލޫމާތު ދެއްވާފައެވެ. މި ކަންކަމާއި ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުން ވަނީ 14 ޖެނުއަރީ 2012 ގައި ނ. މާފަރަށް ވަޑައިގެން ކަންހިނގާފައިވާ ގޮތް ބައްލަވާފައެވެ.

ނ. މާފަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ސަރުކާރުގެ ތެރެއިން މިކަންކަން ހިނގާފައިވާ ގޮތެއް ކޮމިޓީން ބެއްލެވުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވުމަށް އެދި މަޖިލީހުގެ އިދާރާއިން 16 ޖެނުއަރީ 2012 ގައި ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުންތަކަށް ދައުލަތުގެ ވަޒީރުން ހާޒިރުނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާތީ، މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް ދެ ވަޒީރުންވެސް އުޒުރުވެރިވާކަމަށް ވިދާޅުވެ އެ ދެ ވުޒާރާއިން ވަނީ ޖަވާބު ފޮނުއްވާފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާއި ހަވާލުވެ ހުންނެވި ބޭފުޅަކާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން މާދަމާ ބާއްވަން ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމަށް 10:00 ގައި ހާޒިރުވެވަޑައިގަތުމަށް އެދި ސިޓީ ފޮނުއްވުމަށާ، އަދި ވަޑައިނުގެންފި ނަމަ އެބޭފުޅުން މާދަމާ މެންދުރު 13:00 ގައި ކޮމިޓީއަށް ހާޒިރުވުމަށް އަމުރު ނެރުއްވުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އަދި މާދަމާ ރޭ ބޭއްވޭ ކޮމިޓީގެ ބައްދަލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއާއި ހަވާލުވެފައި ހުންނެވި ބޭފުޅަކާއި، މިނިސްޓަރ ހޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އަށް 21:00 ކޮމިޓީއަށް ހާޒިރުވުމަށާއި އަދި މިނިސްޓަރ އޮފް ހެލްތް މާދަމާ ރޭ 23:00 ގައި ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އެދިވަޑައިގަތުމަށް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވެތިއްބެވި 6 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި މިނިސްޓަރ އޮފް ޓޫރިޒަމް މާދަމާ ރޭ 22:00 ގައި ކޮމިޓީއަށް ހާޒިރުވުމަށް އެދުމަށް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ފާސްކުރެއްވީ ހާޒިރުވެ ތިއްބެވި 6 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ޞާލިޙް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާއެވެ.