މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރައްވައިފި

CHR_0824މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމުގައި، ކ. ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ތިބި 18 އަހަރު ނުފުރޭ 2 އަންހެން ކުދިން، ކ. މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުމުގައި، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ނިންމަވާފައިވަނީ މިމައްސަލައާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ހިއުމަން ރައިޓްސް ކޮމިޝަންއާއި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ބޭފުޅުންނާއި އަދި ކުޑަކުދިންގެ ހިޔާ ބަލަހައްޓަވަން ތިއްބެވި ޒިންމާދާރު ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރެއްވުމަށެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ.