ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ، މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބާއި އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބައްދަލުކުރެއްވުމަށް މަޖިލީހުގެ ގެއަށް ވަޑައިގެންނެވުމުން، އެބޭފުޅުންނަށް މާލިއްޔަތު ކޮމިީޓީގެ ފަރާތުން، ކޮމިޓީގެ ނައިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް މަރުހަބާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ގެނެވިދާނެ ބަދަލުތަކާބެހޭ ބައެއް މަޢުލޫމާތު މޮރިޝަސް ޑެލިގޭޝަންގެ ބޭފުޅުން، މާލިއްޔަތު ކޮމިޓީއާއި ޚިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މޮރިޝަސް ޑެލިގޭޝަންގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް އާމްދަނީ ލިބޭ ގޮތްތަކަކީ ދެމެހެއްޓެނިވި ގޮތްތަކަކަށް ހެއްދެވުމަށް، ޤައުމުގެ އިޤްތިސާދީ ސިޔާސަތަށް ގެންނެވުމަށް ހުށައެޅުއްވިދާނެ ބަދަލުތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އެގޮތުން މޮރިޝަސްގެ އިޤްތިސާދު ތަރައްޤީ ކުރެއްވުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބޭއްވުނު މަޝްވަރާތަކުގައި، ރާއްޖޭގައި އިޤްތިޞާދީ އިޞްލާޙީ ބަދަލުތައް ގެނައުމަށްޓަކައި، މޮރިޝަސްގެ ފަރާތުން ރާއްޖޭގައި ވެދެއްވޭނެ އެހީއާއި ބެހޭގޮތުން ދެފަރާތުން ވާހަކަ ދެއްކެވިއެވެ. އަދި، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީ ހަރުދަނާކުރުމައްޓަކައި، ޓެކްސްގެ ނިޒާމް އިތުރަށް ތަރައްޤީ ކުރުމާއި އަދި އާމްދަނީ ލިބޭނެ ގޮތްތަށް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް ތާނގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި މާލިއްޔަތު ކޮމިޓީގެ ބޭފުޅުން ވިދާޅުވިއެވެ. އަދި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށާ، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މޮރިޝަސް ވަފްދުގެ ފަރާތުން ބައިވެރިވަޑައިގެންނެވީ މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިސްޓަރ ޒަވިއޭ ލިއުކް ޑިވާލް، މޮރިޝަސްގެ ފައިނޭންސް ސެކްރެޓަރީ މިސްޓަރ އަލީ މަންސޫރު އަދި ވަފުދުގެ ބައެއް އިސް ބޭފުޅުންނެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ބައެއް ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.