މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވައިދުގެ 144 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެހެން ކޮމިޓީއަކަށް ބަދަލުކުރައްވާފައިވާތީ، ކޮމިޓީއަށް އާ މުޤައްރިރެއް ހޮއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.
އެގޮތުން ކޮމިޓީގައި އެވަގުތު ތިއްބެވި 4 މެންބަރުންގެ އަޣްލަބިއްޔަތުން މުޤައްރިރުގެ ގޮތުގައި ހޮވިވަޑައިގަތީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.
މިރޭ ބޭއްވެވި ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށްގެންދެވުމުގެ ގޮތުން، 10 ފެބްރުއަރީ 2013 ގައި ބައްދަލުވުމެއް ބޭއްވުމަށާއި، މި ބައްދަލުވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ހާޒިރުކުރެއްވުމަށާ، އަދި ކޮމިޓީގެ މެންބަރުންގެ ސަލާމަތައްޓަކައި މި ބައްދަލުވުން ސިންގަޕޫރުގައި ބޭއްވެވުމަށް ނިންމެވިއެވެ.
އެއަށްފަހު “2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވި، ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، އޭނާގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ ޝަރުޢީ އެންމެހާ ކޯޓުތައް އުވާލާ، ފަނޑިޔާރުން ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ނުބެލުމަށް އަންގައި، އެ ފަނޑިޔާރުން ކުރާ ޙުކުމްތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޛުނުކުރުމަށާއި އަދި ފަނޑިޔާރުންނަށް ލިބިދޭ މުސާރައާއި އެންމެހާ ޢިނާޔަތްތައް ނުދިނުމަށް ކުރެއްވި މަސައްކަތް ބައްލަވައި، ތަޙްޤީޤުގެ އަލީގައި އޭނާގެ މައްޗަށާއި އަދި އެ ޖަރީމާގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ މައްޗައް ހަރުކަށި ފިޔަވަޅުއެޅުމަށް” ގޮވާލާ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތާއި މެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އުފެއްދެވި “ޖުޑީޝަލް ރިފޯމް ކޮމިޝަން” ގައި ހިމެނިވަޑައިގެންނެވި 4 ބޭފުޅުން ކަމުގައިވާ އަލްއުސްތާޛް މުޢުތަޞިމް ޢަދުނާނު، އަލްއުސްތާޛް އަޙްމަދު ޝަރީފު، އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ ޢަފީފު އަދި އަލްއުސްދާޛާ މާރިޔާ އަޙްމަދު ދީދީ، 15 ޖެނުއަރީ 2013 ވާ އަންގާރަ ދުވަހުގެ ރޭ ބާއްވަވަން ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރެއްވުމަށް ނިންމެވިއެވެ.
މީގެ އިތުރުން “ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ގ. ކެނެރީގެ މުޙައްމަދު ނަޝީދު، އޭނާގެ ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށްކޮށްފައިވާ ކަންކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން” ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ކަންކަން ސާފު ކުރެއްވުމަށްޓަކައި، މިކަމާ ބެހޭ މަޢުލޫމާތު ފޮނުއްވުމަށް އެދިވަޑައިގެން ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެންނެވުމަށް ނިންމެވިއެވެ.
މިރޭ ބޭއްވެވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ރާމިޒް އަދި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބުރާހިމް މުއްތޮލިބުއެވެ.