އިންޑިއާގެ މިނިސްޓްރީ އޮފް އެކްޓަރަނަލް އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ މިނިސްޓްރީ އޮފް އެކްޓަރަނަލް އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ (ބީ.އެސް.އެމް) މިސްޓަރ ހާޝް ވަރުދާން ޝްރިންގްލާ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަލްފާޟިލް އަޙްމަދު ނާޒިމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާގޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުން ވޭތުވެދިޔަ ދައުރުގައި ފާސްކުރެއްވި މުހިންމު ބިލްތަކާއި ގުޅޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަޝްރަޙްއާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް މިފަހަކުން ކުރިމަތިވި މައްސަލަތަކުން އަރައިގަނެވެންވާނެކަމަށް ޤަބޫލު ކުރައްވާކަމަށާއި، އެކަން އެގޮތަށް ކުރިމަތިވެފައިވީނަމަވެސް ދެޤައުމުގެ ޢާންމު ރައްޔިތުންނަށް ތަކުލީފުތައް އުފުލަން ނުޖެހޭފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރެވެންވާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.