ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެންގޯލާގެ ރައީސް ހިޒްއެކްސެލެންސީ މިސްޓަރ ޖޯސޭ އެޑްއާރޑޯ ދޯ ސަންތޯސް ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިޒިޔާރަތް ކުރެއްވުން އޮތީ މިއަދު ( 9 ޖެނުއަރީ 2013 ) އެންގޯލާގެ ރައީސް ގެ ރަސްމީ ގަނޑުވަރުގައެވެ.

މިބައްދަލުކުރެއްވުމުގައި އެންގޯލާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ. އަދި މިޒިޔާރަތުގެ ސަބަބުން އެންގޯލާ އާއި ދިވެހިރާއްޖެ އާއި ދެމެދު އިތުރަށް ގުޅުން ބަދަހިވެގެން ދާނެ ކަމުގައި ވިދާޅުވިއެވެ.

 ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އެންގޯލާ އަށް ޒިޔާރަތް ކުރައްވައި އެންގޯލާގެ ރައީސްގެ އަރިހަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު މިދަތުރުފުޅުގައި ލިބިވަޑައިގެންނެވިކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެއްކަމަށާއި އެކަމަށްޓަކައި އެންގޯލާގެ ރައީސަށް ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިބައްދަލުކުރެއްވުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ޔަޤީންކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ މައްޗަށާއި، ރާއްޖޭގެ ތިމާވެށީގެ ޙާލަތުގެ މައްޗަށާއި ސިޔާސީ މަސްރަޙު ބައްޓަންވަމުންދާގޮތުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތު ދެއްވިއެވެ.