ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާގެ ޤާނޫނުހަދާމަޖިލީހުގެ ޕާލަމެންޓްރީ ލީޑަރުންނާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެންގޯލާގެ ޤާނޫނުހަދާމަޖިލީހުގެ ޕާލަމެންޓްރީ ލީޑަރުންނާ މިއަދު ( 8 ޖެނުއަރީ 2013 ) ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީ ތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އުފެދިގެން އައި ގޮތުގެ މައްޗަށް ބައްލަވައިލައްވައި މިއަދު ދިވެހިރާއްޖޭގައިވެސް ގިނަޕާޓީތަކެއް އެކުލެވޭ ރައްޔިތުންގެ މަޖިލީހެއް އުފެދިފައިވާ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށް ބައްލަވައިލައްވައި މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތިމާވެށީގެ މައްޗަށާއި ރާއްޖޭގެ އިގްތިޞާދީ ހާލަތުގެ މައްޗަށްވެސް ބައްލަވައިލައްވައި މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިޞާދުގައި ފަތުރުވެރިކަން އަދާ ކުރަމުންދާ ދައުރުގެ މައްޗަށް ބައްލަވައިލައްވައި މައުލޫމާތު ދެއްވިއެވެ.

އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ޕާލަމެންޓްރީ ލީޑަރުންގެ ވާހަކަ ފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާ އަށް ވަޑައިގެން އެންގޯލާގެ ޕާލަމެންޓަށް ޒިޔާރަތްކުރައްވައި އެބޭފުޅުންނަށް ދިވެހިރާއްޖެއާއި ބެހޭގޮތުން ދެއްވި މަޢުލޫމާތު ތަކަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިޒިޔާރަތުގެ ސަބަބުން އެންގޯލާ އާއި ދިވެހިރާއްޖެ އާއި ދެމެދު އިތުރަށް ގުޅުންބަދަހިވެ ދެޤައުމުގެ ޤާނޫނުހަދާމަޖިލީހުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

 މިބައްދަލުކުރެއްވުމުގައި އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ދެވަނަ ނައިބު ރައީސް ހަރ އެކްސެލެންސީ ޖޮއާނާ ލީނާ ރާމޯސް ބެޕްޓިސްޓާ އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

 އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގައި ފަސްޕާޓީއެއް ތަމްސީލުކުރެއެވެ.