ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ހިޒްއެކްސެލެންސީ މިސްޓަރ ފެރްނާންޑޯ ދޯ ސަންތޯސް އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުންއޮތީ މިއަދު (8 ޖެނުއަރީ 2013) ހެނދުނު އެންގޯލާގެ މަޖިލިސްކުރާ ގޭގައެވެ. މިބައްދަލުކުރެއްވުމުގައި އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންގޯލާ އަށް ދަތުރުފުޅެއްކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާ ކުރެއްވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އެންގޯލާއަށް ވަޑައިގަތް ފުރަތަމަ ފަހަރު ކަމަށް ވާތީ އެކަމަށްޓަކައި ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި މިއީ އެންގޯލާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ވުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި އެންގޯލާ އަށް ޒިޔާރަތެއްކުރުމަށް އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި އެންގޯލާއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއާއި މެހްމާންދާރީ އަށް ޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ވަރަށް ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްކަމުގައި ވިދާޅުވެ ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ދެއަސާސް ކަމުގައި ވިދާޅުވެ ދެމެހެއްޓެނިވި ގޮތެއްްގައި ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް އޮޅުންފިލުއްވައިދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުވަމުން އައިސްފައިވާ ގޮތުގެ މައްޗަށްވެސް ބައްލަވައިލައްވައި މަލްޓީޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި މިހާރު ތަޖުރިބާ ކުރަމުންދާކަމުގައި ވިދާޅުވިއެވެ. އަދި ފުރަތަމަ ފަހަރަށް ގިނަޕާޓީތަކެއް އެކުލެވޭ، އިންތިޚާބުކުރެވިފައިވާ މަޖިލީހެއް އުފެދި އެމަޖިލީހުގެ މަސައްކަތް ތަޖުރިބާކުރަމުންދާކަމުގައިވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އެންގޯލާގެ ޤާނޫނުހަދާމަޖިލީހުގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތެއްކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނަށް ދަޢުވަތުދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އެންގޯލާގެ ޤާނޫނުހަދާ މަޖިލީހުގެ ދެވަނަ ނައިބު ރައީސް ހަރ އެކްސެލެންސީ ޖޮއާނާ ލީނާ ރާމޯސް ބެޕްޓިސްޓާ އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުވެސް ބައިވެރިވަޑައިގެންނެވިއެވެ.