ނޫސް ބަޔާން: “ތިންވަނަ ދައުރުގައި ފާސްކުރި ނުވަ ބިލުގެ ތެރެއިން ހަތް ބިލު ފާސްކޮށްފައިވަނީ ފަހު ވަގުތު” ކަމަށް ބުނެ، 6 ޖެނުއަރީ 2013 ގައި ދިޓީވީއިން ނެރުއްވާފައިވާ ޚަބަރާގުޅޭ

ނިމިދިޔަ 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ފާސްކުރި ނުވަ ބިލުގެ ތެރެއިން ހަތް ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމަށް ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާކަމަށާއި، މިފަދަ މުހިންމު ބިލުތައް ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިއުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން ފާސްކޮށްފައިވާއިރު، އެފަދަ ބައެއް ޤާނޫނުތަކަށް ޢާއްމުންނާއި، ޤާނޫނީ ފަރާތްތަކުގެ ފާޑުކިޔުންތައްވަނީ ވަރަށް ބޮޑަށް އަމާޒުވެފައިކަމަށް ބަޔާންކޮށް، 6 ޖެނުއަރީ 2013 ގައި ދިޓީވީއިންވަނީ ޚަބަރެއް ނެރުއްވާފައެވެ.

ދިޓީވީއިން މިހެން ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި 11 ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. އަދި އެ ބިލުތަކުގެ ތެރެއިން، ދިޓީވީގެ ޚަބަރުގައި ފާހަގަކުރައްވާފައިވާ ހަތް ބިލަކީ، އެހެން ބިލުތަކެކޭ އެއްފަދައިން އެބިލުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައާއި، ކަމާގުޅޭ ކޮމިޓީތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބިލުތަކެކެވެ. އެގޮތުން:-

1.     28 ނޮވެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލަކީ، 9 ނޮވެމްބަރ 2009 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 5 އޭޕްރިލް 2010 ގައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވައި، 23 އޮކްޓޯބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 24 އޮކްޓޯބަރ 2012 އިން 1 ނޮވެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

2.     17 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، 26 ޖޫން 2012 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 23 އޮކްޓޯބަރ 2012 ގައި އިޤްޞާދީ ކޮމިޓީއަށް ފޮނުއްވައި، 20 ނޮވެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 28 ނޮވެމްބަރ 2012 އިން 2 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

3.     17 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަކީ، 8 މާޗް 2011 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 20 މާޗް 2011 ގައި އިޤްޞާދީ ކޮމިޓީއަށް ފޮނުއްވައި، 21 ނޮވެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 26 ނޮވެމްބަރ 2012 އިން 3 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

4.     25 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، 3 އޮކްޓޯބަރ 2011 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 12 ޖޫން 2012 ގައި އިޤްޞާދީ ކޮމިޓީއަށް ފޮނުއްވައި، 17 ޑިސެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 20 ޑިސެމްބަރ 2012 އިން 24 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

5.     25 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލަކީ، 16 އޭޕްރިލް 2012 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 18 ޖުލައި 2012 ގައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައި، 12 ޑިސެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި، 17 ޑިސެމްބަރ 2012 އިން 23 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

6.     27 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލަކީ، 6 އޭޕްރިލް 2010 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 19 އޭޕްރިލް 2010 ގައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައި، 24 ޑިސެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި 13 ޑިސެމްބަރ 2012 އިން 17 ޑިސެމްބަރ 2012 ގެ ނިޔަލަށާއި، 20 ޑިސެމްބަރ 2012 އިން 23 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ

7.     27 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލަކީ، 4 މެއި 2010 ގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، އެ ބިލު ދިރާސާކުރެއްވުމަށްޓަކައި 9 ޖޫން 2010 ގައި 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައި، 23 ޑިސެމްބަރ 2012 ގައި އެ ކޮމިޓީގެ މަސައްކަތް ނިމުމުން، އެބިލަށް އިޞްލާޙު ހުށަހެޅުއްވުމަށްޓަކައި، 23 ޑިސެމްބަރ 2012 އިން 25 ޑިސެމްބަރ 2012 ގެ ނިޔަލަށް މެންބަރުންނަށް ފުރުޞަތު ދީފައިވާ ބިލެކެވެ.

ކަންމިހެން އޮތްއިރު، 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބިލުތަކުގެ ތެރެއިން ހަތް ބިލު ފާސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމަށް ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާކަމަށް 6 ޖެނުއަރީ 2013 ގައި ދިޓީވީއިން ނެރުއްވާފައިވާ ޚަބަރަކީ ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތުން ތަބާވާންޖެހޭ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ، ކަނޑައެޅިގެން ޚަޤީޤަތާ ޚިލާފު ޚަބަރެކެވެ. އަދި، އެ ބިލުތައް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމަށް ކުޑަތަންވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށް ދިޓީވީގެ ޚަބަރުގައި ވިދާޅުވެފައިވާއިރު، މި ނޫސް ބަޔާން ނެރުމާ ހަމައަށްވެސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވާނަމަ އެހެން ބުނެފައިވަނީ ކޮން ފަރާތަކުންކަންވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވާކަންވެސް ދިޓީވީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ.

ވީމާ، ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ލިބިދީފައިވާ ފަރާތްތަކުން ޤާނޫނު ނަންބަރު 2012/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އުޞޫލެއްކަމަށްވީހިނދު، ރައްޔިތުންގެ މަޖިލިސް ބަދުނާމުކޮށް، ރައްޔިތުންނަށް އޮޅޭގޮތަށް ދިޓީވީއިން ގެނެސްދީފައިވާ މި ޙަޤީޤަތާ ޚިލާފު ވާހަކަތަކާމެދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހިތާމަކުރަމެވެ.