މީޓިންގ އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ކޮންފަރެންސް އޮފް ސްޕީކަރސް އެންޑް ޕްރިސައިޑިންގ އޮފިސަރސް އޮފް ކޮމަންވެލްތްގައި ބައިވެރިވަޑައިތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

މީޓިންގ އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ކޮންފަރެންސް އޮފް ސްޕީކަރސް އެންޑް ޕްރިސައިޑިންގ އޮފިސަރސް އޮފް ކޮމަންވެލްތްގައި ބައިވެރިވަޑައިތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ނެމީބިއާއަށް ފުރާވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ޕާލަމަންޓްތަކުގެ ސްޕީކަރުންނާއި، ޕްރިސައިޑިންގ އޮފިސަރުންގެ ކޮންފަރެންސްގެ ސްޓޭންޑިންގ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10އިން 13އަށް ނެމީބިއާގެ ސްވާކޮޕްމުންޑުގައެވެ.

މިކޮންފަރެންސްގެ ސްޓޭންޑިންގ ކޮމިޓީއަށް ރާއްޖެ އިންތިޚާބުވެފައިވަނީ މިދިޔަ އަހަރުއެވެ. ސްޓޭންޑިންގ ކޮމިޓީގައި ރާއްޖޭގެ އިތުރުން 15 ގައުމު ހިމެނެއެވެ. އޭޝިޔާގެ ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން ސްޓޭންޑިންގ ކޮމިޓީގައި ހިމެނެނީ ދިވެހިރާއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެމީބިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެންގޯލާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތަކަށް ލުއަންޑާއަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ބައިވެރިވަޑައިގަންނަވައެވެ.