ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 27 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 27 ވަނަ ބައްދަލުވުމުގައި، ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީން 07 ފެބްރުއަރީ 2012 ގައި ހިނގާ ދިޔަ ހާދިސާތަކާއި ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

މި ރިޕޯޓް ތައްޔާރުކުރުމުގައި ހޯދާފައިވާ ބައެއް މަޢުލޫމާތު ކޮމިޓީއަށް ހިއްސާކުރެއްވުމަށް އެދި ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހަށް 26 ޑިސެމްބަރ 2012 ގައި ދަންނަވާފައިވާ ނަމަވެސް، ކަނޑައަޅުއްވާފައިވާ ތާރީޙަށް މި މަޢުލޫމާތު ކޮމިޓީއަށް ލިބިފައިނުވާތީ، 7 ޖެނުއަރީ 2013 ގެ ކުރިން ކޮމިޓީއަށް އެ މަޢުލޫމާތު ފޮނުވުމަށް އަލުން ދެންނެވުމަށް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

އަދި ކޯނީ ރިޕޯޓާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން 9 ޖެނުއަރީ 2013 ގައި، އެމްއެންޑީއެފް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުންނެވި މުހައްމަދު ނިލާމާއި ޕޮލިސް އިންޓެލިޖެންސްޑިޕާޓް މަންޓްގެ ހެޑް ގޮތުގައި އޭރު ހުންނެވި މުހަންމަދު ހަމީދު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު އާއި ބައްދަލުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހަންމަދު ޞާލިޙް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.