އާންމު ކޮމިޓީގެ 41 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު އާންމު ކޮމިޓީގެ މިއަހަރުގެ 41 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވް ކުރުމުގައި ދަތިތަކެއް ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ކަމަށްބުނެ، މިކަމާ ގުޅިގެން މަޝްވަރާކުރެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިގ ކޮމިޝަން (އެމް.ބީ.ސީ) ގެ އެދުމުގެ މަތިން އެ ކޮމިޝަންގެ އިސް ބޭފުޅުންނާއި ކޮމިޓީން ބައްދަލުކުރެއްވިއެވެ.

އެގޮތުން ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާކަމަށް ބުނެފައިވާ މައްސަލަތައް ސާފުކުރައްވާ، އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޙިޔާލުބަދަލުކުރައްވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދުއެވެ.