ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢަކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 41 ވަނަ ޖަލްސާގައި ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވައިފިއެވެ.

މިރިޕޯޓް ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު 28 ޑިސެމްބަރ 2010 މަޖިލީހުން ފާސްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާ ކުރައްވާ އެކުލަވާލައްވާފައިވާ ރިޕޯޓް މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައި ދެއްވައި ނިމުމުން، ރިޕޯޓަށް ވާހަކަދެއްކެވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 6 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިރިޕޯޓުގައި މާލިއްޔަތު ކޮމިޓީގެ ފަރާތުން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ބޯޑު މެންބަރުންގެ މުސާރައާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް މިވަގުތު އެއްވެސް ބަދަލެއް ގެންނަން ނުފެންނަކަމަށް ނިންމަވާފައިވެއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ޙާޟިރުވެވަޑަގަންނަވާ ބައްދަލުވުންތަކާއި ކޮމިޓީ އެލަވަންސްއެއް ހަމަޖައްސަވައިދެއްވުމަށް ނުފެންނަކަމަށާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މުއްދަތާމެދު ގޮތެއް ނިންމެވުމުގެ މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް އިތުރު އެލަވަންސްއެއް ލިބިދިނުމަށް ފެނިވަޑައި ނުގަންނަވާކަމަށްވެސް ނިންމަވާފައިވެއެވެ.

އަދި މޮބައިލް ފޯން ބިލްގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކޮމިޓީގައި ކުރެވުނު މަޝްވަރާގެ އަލީގައި ނިންމަވާފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސްޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މިނިވަން މުސްތަޢިއްލު މުއައްސާސާތަކުގެ މެންބަރުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، އޮޑިޓަރ ޖެނެރަލްއާއި އަދި އެމް.އެމް.އޭގެ ގަވަރނަރ ގެ ފޯނު އެލަވަންސްގެ ގޮތުގައި -/1000 ރުފިޔާ (އެއްހާސް ރުފިޔާ) ލިބިދިނުމަށާއި، އަދި -/1000 ރުފިޔާއަށް ވުރެ ފޯނު ބިލު ބޮޑުވެއްޖެ ޙާލަތެއްގައި، އޮފީސް ބޭނުމަށްޓަކައި ކުރެވިފައިވާ ފޯންކޯލްތަކުގެ ގޮތުގައި ކްލެއިމް ކުރާ ފޯން ކޯލްތަކުގެ ފައިސާ އެ ފަރާތްތަކަށް ލިބިދިނުމަށް ނިންމަވާފައިވެއެވެ.

 މީގެއިތުރުން، ދައުލަތުން ކާރުކޮޅު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން ވެރިކަން ހިންގާ ފަރާތް (އެގްޒެކެޓިވް ބްރާންޗް) ގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބިދެވޭ ޑްރައިވަރުގެ މުސާރައާއި ޕެޓްރޯލް ޚަރަދު އުނިކުރެއްވުމަށާއި އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑު މެންބަރުންގެ މުސާރައަށް މަހަކު /-5000 ރުފިޔާ (ފަސް ހާސް ރުފިޔާ) އިތުރުކުރުމަށް ކޮމިޓީން ނިންމަވާފައިވާ ކަމަށް މިރިޕޯޓްގައިވެއެވެ. އަދި ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މައިންބަފައިންނަށް ލިބިދެވޭ ހެލްތް އިންޝުއަރެންސް ގެ ޕްރީމިއަމް -/4750 ރުފިޔާ (ހަތަރު ހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އިން -/7000 ރުފިޔާ (ހަތް ހާސް ރުފިޔާ) އަށް ބޮޑުކޮށްދިނުމަށް ކޮމިޓީން ހުށަހެޅުއްވި މިރިޕޯޓްގައި ބަޔާންކުރައްވާފައިވެއެވެ.