ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 41 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލަށް 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

  ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެ ޤާނޫނުގެ ބައެއް މާއްދާތައް ބޭންކުތަކުގެ މައްޗަށް ފުރިހަމައަށް ތަންފީޛުކުރުމުގައި ދަތިތަކެއް ދިމާވެފައިވާތީ، އެ ޤާނޫނު އިޞްލާޙުކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެކޮމިޝަންއަށް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ހ. ހަބަރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙަންމަދު ރިޝްވާންގެ ނަންފުޅު އަނބުރާ ގެންދަވާފައިވާކަން އަންގަވާފައިވާތީ އެކަން ރިޔާސަތުން އިޢުލާންކުރެއްވިއެވެ.