ޕެޓިޝަން ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި، މާލޭގެ ހުޅަނގު ދެކުނު ހާބަރުން ދަތުރުވެރިންނަށް ޢާންމު ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރެވިފައިވާ ބިންތައް މާލޭ ސިޓި ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނެ، މި ޚިދުމަތް ހުއްޓުވާލުމަށް މަސައްކަތްކުރާ މައްސަލަ ބެއްލެވިއެވެ.

މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި މެދު މަޝްވަރާކުރެއްވުމަށްފަހު މިކަމުގައި ކަރަޕްޝަން މައްސަލައެއްވޭތޯ ކަށަވަރުކުރެއްވުމުގެ ގޮތުން، އެންޓި ކަރަޕްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މިއީ ދައުލަތަށް ފައިދާކުރަނިވި ކަމެއްތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ވެސް މި މައްސަލަ ފޮނުވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ.

ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް އަމީން އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް ކޮމިޓީ ބައްދަލުވުމަށް ވަޑައެއްނުގަންނަވައެވެ.