ދުންފަތުގެ އިސްތޢުމާލު ކުރުންމަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު ގަވާއިދު ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި،  ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް، ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން އަޢުލަބިއްޔަތުން ފާސްކުރައްވާފައިވަނީ މިގަވައިދަށް، 1 ޖެނުއަރީ 2013 ން ފެށިގެން ޢަމަލުކުރަން ފެށުމުން ދިމާވަ މައްސަލަތައް 6 މަސްފަހުން، ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، ގެންނަން ފެންނަ އިޞްލާޙުތައް ގެނައުމަށެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ދުންފަތުގެ އިސްތިޢުމާލު ކުރުންމަންދާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން، އެޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.