2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ހުށަހެޅުނު 16 އިޞްލާޙުގެ ތެރެއިން 8 އިޞްލާޙާއެކު މިއަދު ފާސްކުރައްވައިފިއެވެ.
އިޞްލާޙްތަކާއެކު 2013 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 41 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 28 މެންބަރުންނެވެ.
ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2013 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މަޖިލީހަށް ހުށަހެޅުއްވީ 27 ނޮވެމްބަރު 2012 ގައެވެ. އެއީ 16.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް މަޖިލީހުން މިއަދު ފާސްކުރައްވާފައިވަނީ 15.3 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 31 ޑިސެމްބަރ 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
14 ޞަފަރު 1434
27 ޑިސެމްބަރ 2012