ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމަވާލައްވައިފި

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް މެންބަރުން ބަހުސްކުރައްވައި، ބަހުސްގެ މަރުހަލާ މިއަދު ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ޖުމްލަ 52 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް 16 އިޞްލާހެއް ހުށަހެޅި ތާޢީދު ލިބިފައިވެއެވެ. މި އިޞްލާހުތަކަށާއި ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ މާދަމާ މެންދުރު 01:30 ގައެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާފައިވަނީ ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 07:15 އަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކުރީގެ ރައީސް ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަޤާމް ފުރުއްވާފައިވާ އަދި އޭގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ފަރާތެއް ކަމުގައިވާ އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމާއިމެދު ދެޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭފަދަ ވާހަކަދައްކައި، ދިވެހިރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވުމަށް ބޭރު ފަރާތްތަކުގެ އަސްކަރީ އެހީ ހޯދަންޖެހިދާނެކަމަށް ވިދާޅުވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ހައިބަތާއި ކަރާމަތަށް ބުރޫ އަރާފަދަ ވާހަކަތައް ދައްކާފައިވާތީ، އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ އާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހުން ފާސްކުރާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ، ޕައިރަސީއާއި އެއާގުޅޭ އެހެން ކުށްތަކުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ޑިސެމްބަރ 2012 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

13 ޞަފަރު 1434

26 ޑިސެމްބަރ 2012