މާލިއްޔަތު ކޮމިޓީގެ 76 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދުގެ ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 76 ވަނަ ބައްދަލުވުމުގައި 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ލޯން ނެގުމަށާއި، ގެރެންޓީ ދިނުމަށް ފިނޭންސް މިނިސްޓްރީން ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ލިޔުންތަކުގެ ކޮޕީ ލިބިފައިވާތީ، މި ލިޔުންތައް ބައްލަވާ މިކަމާ މެދު މަޝްވަރާކުރެއްވިއެވެ.

މި ލިޔުންތައް މާލިއްޔަތު ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

ނަމަވެސް  2013 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓްގައި މި ލޯންތައް ހިމަނާފައިވާތީ، ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމުން ވަކި ގޮތަކަށް ނިންމެވުމުން މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން މި ލޯންތަކާއި ގުޅޭ މަޝްރޫޢުތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ އަބްދުލްރަޙީމް.