އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރެއްވުމާ ގުޅިގެން މި ބިލުގެ ނަން ވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލުގެ ނަމަށް ބަދަލުވެފައެވެ. މި ބިލު ފާސްކުރައްވާފައިވަނީ ވޯޓް ގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 30 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވާފައިވެއެވެ. މި ބިލު ފާސްކުރައްވާފައިވަނީ 73 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން، ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވާފައިވެއެވެ. މި ރިޕޯޓް ހުށަހަޅައިދެއްވީ ކޮމިޓީގެ މުޤައްރިރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދެވީ ސިޔާސީ ޕާޓީގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހެޅުއްވުމުން، އެ ބިލުގެ ބަހުސެވެ. މިބިލަށް 54 އިޞްލާޙް ހުށަހެޅި ތާއީދު ލިބިފައިވެއެވެ. އަދި 9 މެންބަރުން މި ބިލަށް ބަހުސް ކުރައްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ޑިސެމްބަރ 2012 ވާ ބުދަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
12 ޞަފަރު 1434
25 ޑިސެމްބަރ 2012