މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބާއްވައިފި

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، 2010, 2009 އަދި 2011 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލަތަކުގެ ތެރެއިން އެކި ސަބަބުތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަނބުރާ ފޮނުއްވާފައިވާ މައްސަލަތަކާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ފަރާތުން މަޢުލޫމާތު ސާފުކުރުމައްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމައްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެފަދަ މައްސަލަތަކުގައި ދައުވާ ކުރެއްވުމުގައި ކިހާވަރެއްގެ އަވަސްކަމެއް ދެއްވާތޯއާއި އަދި އެކަމަށް ދެއްވާ އަހަންމިއްޔަތާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު 15 ވަނަ ދުވަހުގެ ނިޔަލަށް، ކޮރަޕްޝަންއާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު ސާފުކޮށް، މިކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމަށް، މިއަދުގެ ބައްދަލުވުމުގައި ނިންމެވިއެވެ. މިރިޕޯޓު ތައްޔާރުކުރެއްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެފަރާތްތަކުން ވަނީ ހާމަކުރައްވާފެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލް ޢަފޫރު އަދި ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިންއެވެ.